ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އިއްތިޙާދުވުމަށް، ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝެއިޚް މުޙައްމަދު ޝިފާނެވެ. ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ޢަބްދުﷲ އެވެ.
ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ކެންޑިޑޭޓް ރައީސް މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެރުނު ޤަރާރަކުންނެވެ.
ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ނެރުނު އެ ޤަރާރުގައި ވަނީ، ޕީއެންސީގެ ރައީސް، ރައީސް މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކުރި ކަމަށެވެ.
އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އުޞޫލުތަކަށް ބިނާކޮށް ޤައުމު ތަރައްޤީކުރުމަކީ އަދާލަތު ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދު ކަމަށާއި، ސިޔާސީ ހަމަޖެހުމާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.





