އިސްލާމިކް މިނިސްޓަރުގެ މަޤާމު ދިނުމުގެ މަޝްވަރާކުރާ ވާހަކަ އަދާލަތު ޕާޓީން ދޮގުކޮށްފި

އަދާލަތު ޕާޓީއަށް އިސްލާމިކް މިނިސްޓަރުގެ މަޤާމު ދިނުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީން ބުނީ، ސަރުކާރާއި އަދާލަތު ޕާޓީއާ ދެމެދު މިފަދަ އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ.

މި ވާހަކަތައް ދެކެވެން ފެށީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު އިއްތިޙާދުވުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެންނެވެ. ބައެއް މީޑިއާތަކުން ވެސް އެ ޚަބަރު ވަނީ ފަތުރާފައެވެ.

ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ރަސްމީކޮށް އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފައިވެއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ރައީސް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި މިހާރު ހުންނަވަނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް