ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުގައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރާ މެދު، އޭނާގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގަނެފިއެވެ.
ޝާހިދުގެ ފަރާތުން މި އިސްތިއުނާފު ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދަށް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް އަރުވާފައިވެއެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ މި ތުހުމަތު ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއީ ސިޔާސީ ބޭނުމަކަށް އޭނާގެ އަބުރު ކަތިލުމަށް ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މި ތުހުމަތު ޝާހިދަށް އަމާޒުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް އޭނާ ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ. ނަމަވެސް، ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށާއި، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައިވެއެވެ.





