އަންނަ އަހަރު އައު މަގާމު ނުއުފައްދަން ރައީސް ނިންމަވައިފި: މިނިސްޓަރު ޒަރީރު

ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަންނަ އަހަރު އައު މަގާމުތައް ނުއުފައްދައި، ކޮންމެހެން ބޭނުންވާ މަގާމުތަކަށް ނޫނީ މުވައްޒަފުން ނުނަގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި މިހާރު މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލައި، އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހެދުމަށް ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަން ގުޅިގެން ވިސްނާފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. އޮޑިޓުގެ މަޤްޞަދަކީ ބޭނުންވާ ވަރަށް މުއައްސަސާތަކަށް މީހުން ހަމަޖެއްސުމާއި، ބޭނުންވާ ވަރަށް ވުރެ ގިނައިން މުވައްޒަފުން ތިބި ނަމަ އެމީހުން ބޭނުންވާ ދާއިރާތަކަށް ބަދަލުކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފޮތުގައިވާ ތަފާސްހިސާބުތަކުގެ ގޮތުން، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އަންނަ އަހަރު 7.91 ބިލިއަން ރުފިޔާ އަދި އިނާޔަތްތަކަށް 6.51 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެގޮތުން މުސާރައާއި އިނާޔަތުގެ ގޮތުގައި ސަރުކާރު މުވައްޒަފުންނަށް އަންނަ އަހަރު ޖުމްލަ 14.4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިއީ މިއަހަރު ސަރުކާރު މުވައްޒަފުންނަށް ޚަރަދުކުރި އަދަދަށް ވުރެ 492.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ސިވިލް ސާވިސްގައި 30,127 މުވައްޒަފުން މަސައްކަތްކުރެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޒަރީރު މިދިޔަ އޯގަސްޓު މަހު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ އަދަދު އޭގެ މައްޗަށް އަރާފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ވަނީ އަންގާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް