ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި، މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ކުށްވެރިންގެ މައްޗަށް ހުކުމް ތަންފީޒުނުކޮށް ބޭއްވުމަކީ ދައުލަތަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރަން ބޭނުން ނުވެފައި އޮތް ކަމެއް ކަމަށާއި، ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިސްލާމްދީނުގެ ހަމަތަކަށް ނަސްރުދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށެވެ.
"އެހެންވީމާ މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޤިޞާޞް ހިފުމަކީ ފުރާނަތައް ސަލާމަތްކުރުމަށް މަގުފަހިވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މީހުން މެރުމާއި އެކަކު އަނެކަކަށް އަނިޔާވެރިވުމުން ކުށްވެރިން ދުރުހެލިކުރުވާތީ، އަމާންކަމާއި ފަރުދީ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށެވެ.
އަދި މިކަމަކީ ހަމައެކަނި ގަވާއިދެއްގެ ނުވަތަ އުސޫލެއްގެ ދަށުން ކުރާނެ ކަމެއް ނޫން ކަމަށާއި، ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ސާފު އިޖުރާއަތުތަކަކާއެކު ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ހާލަތްތަކާއި، އެކަން ކުރާނެ ގޮތާއި، އަދަބު ލިބޭ ފަރާތްތަކަށް އޮންނަ ހައްގުތައް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ. އެގޮތުން، ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަވުމާއި، ވާރިސުން މާފުދިނުމުގެ ހައްގާއި، ބަލިވެއިނުމާއި ތުއްތު ދަރިފުޅު އޮތުމުގެ ސަބަބުން ތަންފީޒުކުރުން ފަސްކުރެވޭނެ ހާލަތްތައް ފަދަ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުރިހާ އުސޫލުތަކެއް ބިލުގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅުހަދާ ފަރާތްތައް ތިބޭނެކަން އެނގޭ ކަމަށާއި، ނަމަވެސް ސަރުކާރުން މަސައްކަތްކުރަނީ އަދުލުވެރިކަން ގާއިމުކޮށް، އިސްލާމީ ޝަރީއަތުގެ ހަމަތައް ތަންފީޒުކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެންނެވެ.





