ޝާހިދުގެ މައްސަލައިގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް ސަރުކާރުން ހުރަހެއް ނާޅާނެ: ރައީސް

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލައިގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމަށް ކުރަންޖެހޭ ކަންކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށާއި، ސިޔާސީ ބޭނުމެއްގައި އެއްވެސް ސިޔާސީ ބޭފުޅަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ސިޔާސީ ބޭނުމެއްގައި ސިޔާސީ ބޭފުޅަކު ހައްޔަރުކުރުމަކީ މި ސަރުކާރުން މިހާތަނަށް ވެސް ކުރި ކަމެއް ނޫން ކަމަށާއި، ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކަށް ނުދޭނަން އަދަބެއް. އެއީ މި ޤައުމުގައި އަޅުގަނޑު ނިމުމަކަށް ގެނައި ކަމެއް،" ރައީސް ވިދާޅުވިއެވެ.

ޝާހިދަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ވިދާޅުވި ރައީސް، އޮފެންޑަރަކީ ކާކު ކަމުގައި ވިޔަސް، ގާނޫނު ތަންފީޒުކުރުމުގައި ތަފާތެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ މިކަމުގައި އޮފެންޑާއަކީ ކޮންމެ މީހަކަށް ވިޔަސް، އެމީހަކާ ދޭތެރޭގައި ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ. ގާނޫނު ތަންފީޒު ކުރުމުގައި އެކަން ކުރި ކަމަށް ބެލެވޭ މީހާއާ ދޭތެރޭގައި ޑިއު ޕްރޮސެސް ފޮލޯ ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ސަރުކާރުން،" ރައީސް ވިދާޅުވިއެވެ.

ގާނޫނުގެ ވެރިކަމާއި، ގާނޫނުއަސާސީ ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ރާއްޖޭގައި ޔަގީންކަން ލިބިފައިވާ ކަންކަމަށް ވާންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ. ޝާހިދު ހައްޔަރުކޮށްފައިވަނީ، 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް