ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަސް މަނާކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި ބަނގުރަލާއި އޫރުމަސް އިމްޕޯޓްކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަން މަނާކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ. ބިލުގައިވާ ގޮތުން، ޒޯންތަކުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއި އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ހެދުމުގެ ފުރުޞަތު ވެސް ދީގެން ނުވާނެއެވެ.

އިޒްރޭލުގެ ރައްޔިތުންނަށާއި، އިޒްރޭލުގެ ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޒޯންތަކުން ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ވަކި އެއް ޤައުމެއްގެ ފަރާތްތަކަށް ޒޯނެއްގެ ބިމުގެ 25 އިންސައްތައަށްވުރެ ގިނައިން ނުވިއްކޭނެއެވެ.

ބިލުގައިވާ ގޮތުން، މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ މާސްޓާ ޕްލޭން މަޝްރޫޢުތަކަށް އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެފަދަ ޒޯނެއް މާސްޓާ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށެވެ.

މާސްޓާ ޑިވެލޮޕަރަށް ޒޯނުން ލިބޭ އާމްދަނީގެ މަދުވެގެން 10 އިންސައްތަ، ބިމުގެ ޕްރިމިއަމްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެއެވެ. އަދި ޒޯނުގައިވާ ޕްރޮޕަޓީއެއް ވިއްކާއިރު އޭގެ އަގުގެ ހަތަރު އިންސައްތަ ރަޖިސްޓްރީ ފީގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން، ޒޯންތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ޚިދުމަތްތަކުންނެވެ. ޒޯނުގައި ހިންގާ މަޝްރޫޢުތަކާއި ވިޔަފާރިތަކުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ބައިތިއްބުން ވެސް ބިލުން ލާޒިމުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް