ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާކުރެއްވުމުން ހުސްވި މަޤާމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) ހުޅުވާލި ފުރުޞަތުގައި، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުޘްމާނާއި އިތުރު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނާއި، ފާހަގަކޮށްލެވޭ ވަކީލުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ޝުޖާއު އުޘްމާނުގެ އިތުރުން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފާހަގަކޮށްލެވޭ އަނެއް ބޭފުޅަކީ، ފަނޑިޔާރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައިވާ އާދަމް އާރިފްއެވެ.
ޖޭއެސްސީން ދެން ބަލާނީ ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠުތައް ހަމަވޭތޯއެވެ. އޭގެ ފަހުން އިންޓަވިއު ކުރުމުގެ މަރުޙަލާ ކުރިއަށް ގެންދާނެއެވެ.
ހައިކޯޓަށް ފަނޑިޔާރަކު ހޯދަމުން ދާ މި ވަގުތު، މިހާރު 11 ފަނޑިޔާރުންގެ ބެންޗެއް އޮންނަ އެ ކޯޓު 15 ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ.





