ކުވައިތުގައި ވެއްޓުނު ޑްރޯންގެ ބައިތަކުން ޖެހި ޒަޚަމްވި އިޓަލީގެ ދެ މީހަކު މަރުވެއްޖެ

ކުވައިތަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯނެއް ވައިގެ ތެރޭގައި ހުއްޓުވުމުން، ބިމަށް ވެއްޓުނު ބައިތަކުން ޖެހި ޒަޚަމްވި އިޓަލީގެ ދެ މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް ކުވައިތުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، ޑްރޯންގެ ބައިތަކުން ޖެހިފައި ޒަޚަމްވީ ހަތަރު މީހަކަށެވެ. އެއީ އިޓަލީގެ ދެ މަސައްކަތްތެރިންނާއި ކުވައިތުގެ ރައްޔިތަކާއި ޕާކިސްތާނުގެ ރައްޔިތެކެވެ. ދެން ތިބި ދެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިޓަލީގެ ޚާރިޖީ ވުޒާރާއިން ވަނީ ދެ ރައްޔިތުން މަރުވިކަން ކަށަވަރުކޮށްދީފައެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި، މަރުވި ދެ މީހުންނަކީ ކުވައިތުގައި ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުނި ރެއިންމެޓަލްގެ ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ދެ މީހުންނެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.

ނަމަވެސް، އީރާނުގެ ސަރުކާރު މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރަހައްދުގައި އީރާނުން އެއްވެސް އަސްކަރީ ހަމަލާއެއް ދީފައި ނުވާ ކަމަށް އީރާނުގެ ސިފައިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް