ގއ. ނިލަންދޫގައި ކަތިވަޅިއެއް ހިފައިގެން ސައިކަލުގައި ދުއްވައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް، ހާދިސާ ހިނގި ކަމަށް ބުނާ ގޭގެ ނަން ދައުވާގައި ނުބައިކޮށް ލިޔެވިފައިވާތީ ސާބިތުނުވާ ކަމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ނިލަންދޫ މުއުމިން ހަސަން އާއި އަލީ އިބްރާހީމްގެ މައްޗަށެވެ. މުއުމިންގެ މައްޗަށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއާއި، މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލިއިރު، އަލީ އިބްރާހީމްގެ މައްޗަށް އުފުލީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާއެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، 29 މެއި 2025 ގެ ރޭ 20:00 އާއި 20:30 އާ ދެމެދު ނިލަންދޫ "މޯނިން ހައުސް" ކިޔާ ގޭގެ ކައިރީގައި އަލީ އިބްރާހީމް ދުއްވި ސައިކަލުގެ ފަހަތުގައި މުއުމިން ކަތިވަޅިއެއް ހިފައިގެން އިނދެ، އަޑުގަދަކޮށް، އެ ސަރަހައްދުގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފައިވެއެވެ.
ނަމަވެސް ޝަރީއަތުގެ މަރުހަލާ ފެށުމުން، "މޯނިން ހައުސް" ކިޔާ ގެއެއް ނިލަންދޫގައި ނުހުންނަ ކަމަށް ދައުވާލިބޭ ދެ މީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ވެސް ކޯޓުގައި ބުނެފައިވަނީ، ހާދިސާ ހިނގީ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ.
ހެކިބަސް ނަގަން ފެށުމަށް ފަހު، އެއީ ލިޔުމުގެ ކުށެއް ކަމަށް ބުނެ ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުޞަތަކަށް އެދިފައެވެ.
މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު ދައުވާ ބިނާވެފައިވާ މައިގަނޑު ކަންކަން ބަދަލުކޮށް ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުޞަތު ޤާނޫނުގެ ދަށުން ނުދެވޭނެ ކަމަށެވެ. މީގެ އިތުރުން، ދައުވާ ފޯމުގެ އިތުރުން މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ބަޔާނުގައި ވެސް ހާދިސާ ހިނގި ތަނުގެ ގޮތުގައި ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދައުވާގައި ބުނާ ތަނާއި ހެކިން ބުނާ ތަނާ ދިމާނުވެ ފުށުއަރާތީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް" ތިން ދައުވާ ވެސް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ.





