މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ފިލްމީ ތަރިން، މަސްތުވާތަކެތި ބޭނުންކުރި ކަމަށް މިއަދު ޝަރީއަތުގައި އިއުތިރާފުވެއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިންނަކީ 29 އަހަރުގެ މުޙައްމަދު ވިޝާލް (ރޯމަން)، 35 އަހަރުގެ އިސްމާޢީލް ޖުމައިޙް (ޖުމާ) އަދި 45 އަހަރުގެ އަޙްމަދު އަޒްމީލް (އަޒޭ)އެވެ. މީގެ އިތުރުން އަޒޭގެ ކޮއްކޮއެއް ކަމަށްވާ 42 އަހަރުގެ ޝާހިލް މުޙައްމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ދައުލަތުން އަޒޭގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ރޯމަންގެ މައްޗަށް ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އަޒޭއާއި ރޯމަން ކުށަށް އިއުތިރާފުވުމާ ގުޅިގެން، އެ ދެ މީހުންގެ މައްސަލަ ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން ވަނީ މިއަދުގެ އަޑުއެހުމުގައި އެދިފައެވެ. ޖުމައިޙްގެ މައްޗަށް މަސްތުވާތަކެތީގެ އިތުރު މައްސަލައެއް ނެތުމުން، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި ޝާހިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފުސީލެއް އަދި ހާމަވެފައެއް ނުވެއެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، މި މީހުން ތިބި ކޮޓަރި ބާރުގެ ބޭނުންކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުއްޓެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަޒޭއާއި ރޯމަނަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުންނެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަވުމާ ގުޅިގެން، ހައްޔަރުކުރި ހަތަރު މީހުން ވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވެއެވެ.





