ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑެއް އޮންނަ ކޮންމެ މީހަކަށާއި، އެ މީހަކާއެކު ދަތުރުކުރާ އެހީތެރިއަކަށް މިއަދުން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ފެރީއާއި ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ހަމަޖެއްސި އިންތިޒާމެއްގެ ދަށުން މި ބަދަލު ގެނެސްފައިވާ ކަމަށެވެ.
އާރުޓީއެލްގެ ފެރީއާއި ބަހުގެ ޚިދުމަތް މިހާރުވެސް ހިލޭ ލިބެމުން އަންނަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ. މީގެ އިތުރުން އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް ވެސް މި ޚިދުމަތް ހިލޭ ލިބެއެވެ.
މި އިންތިޒާމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން 1650 ނުވަތަ 7369221 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.





