ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމުގެ މަގުސަދުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުޅި ރާއްޖެއަށް ހިންގާ "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ކެމްޕެއިން، އައްޑޫ ހުޅުދޫ އަދި މީދޫގައި ބޭއްވި ސެޝަނެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ ޢަޒުވަރު، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އާންމުންނަށް ހުޅުވާލައިގެން ބޭއްވި ސެޝަނުގައެވެ.
ޑރ. ޢަޒުވަރު ވިދާޅުވީ، ކަރަންޓު އިގްތިސާދުކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި، އެއީ ތެލަށް ކުރާ ޤައުމީ ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށެވެ.
މިއީ ހަމައެކަނި ޝިއާރެއްގެ ގޮތުގައި ބޭނުންކުރާނެ ކެމްޕެއިނެއް ނޫން ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓާ ގުޅިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ޤައުމުގެ އިގްތިސާދަށާއި ތިމާވެށްޓަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ތެރެއިން، ބޭނުން ނުކުރާ ވަގުތުތަކުގައި ބޮކިތަކާއި އޭސީ ފަދަ ތަކެތި ނިއްވާލުން ފަދަ ކުދިކުދި އާދަތަކުގެ މުހިންމުކަން ބުނެދީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަކަތަ އިގްތިސާދުކުރެވޭނެ ގޮތްތައް ރައްޔިތުންނަށް ދައްކައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕެއިނަކީ ވަކި ސަރަހައްދަކަށް ޚާއްޞަ ހަރަކާތެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމައަށް ސެޝަންތައް ގެންދާނެ ކަމަށް ވެސް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޑރ. ޢަޒުވަރު ވަނީ، އަމިއްލަ ގެދޮރާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.





