އިސްރާއީލުގެ ޕާސްޕޯޓު އޮންނަ މީހުންނަށް އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެ ނުވަދެވޭނެ: މެންބަރު މުސްތަފާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ޤާނޫނަކަށް ވުމުން، އިސްރާއީލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ދެވަނަ ނުވަތަ އެހެން ޤައުމެއްގެ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެސް ރާއްޖެއަށް ނުވަދެވޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުސްތަފާ މި ވާހަކަ ވިދާޅުވީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މިއީ ކޮންމެހެން ފާސްކުރަން ޖެހޭ ވަރަށް މުހިންމު ބިލެއް ކަމަށެވެ.

މުސްތަފާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ބޭންކުރީ ހަމައެކަނި އިސްރާއީލުގެ ޕާސްޕޯޓެވެ. އެހެންވެ، އެ ޤައުމުގެ ޕާސްޕޯޓާއެކު އެހެން ޤައުމެއްގެ ޕާސްޕޯޓު ވެސް ގެންގުޅޭ މީހުންނަށް ދެވަނަ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އައުމުގެ ފުރުޞަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު ޤާނޫނުން މަނާކުރަނީ ހަމައެކަނި ޕާސްޕޯޓެއް ނޫން ކަމަށާއި، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ ޤާނޫނުން އަޅުގަނޑުމެން މި މާނަކުރަނީ އިސްރާއީލް ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް މި ރާއްޖެއަކަށް ނުވަދެވޭނެ. އޭގެ މާނައަކީ ދެވަނަ ޕާސްޕޯޓު ހިފައިގެން ވެސް މިތަނަށް ނާދެވޭނެ. ތިންވަނަ ޕާސްޕޯޓު ހިފައިގެން ވެސް މިތަނަކަށް ނުވަދެވޭނެ،" މުސްތަފާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް