ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރުކަމަށް ޑރ. ޖަމްޝީދުގެ ނަން ރާއްޖެއިން ހުށަހަޅައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް، ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ރާއްޖެއިން ހުށަހަޅައިފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ސަރަހައްދުގެ 10 ގައުމު ހިމެނޭ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވެފައިވާއިރު، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކެންޑިޑޭޓުން ހުށަހަޅާފައެވެ.

ޑރ. ޖަމްޝީދު މިހާރު ހުންނެވީ ޑަބްލިއުއެޗްއޯއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގައެވެ. އެ މަގާމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ޑަބްލިއުއެޗްއޯގައި 12 އަހަރު ހޭދަކުރައްވާފައިވާ ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި، ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމާއި، ސަރަހައްދީ އޮފީހުގެ ރީޖަނަލް އެޑްވައިޒަރުގެ މަގާމު އަދާކުރައްވާފައެވެ.

ސިއްހީ ދާއިރާއާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމަސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ޑރ. ޖަމްޝީދު، 2012 އިން 2013 އަށް ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

އޭނާ މެޑިސިންގެ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ އިންޑިއާއިން ކަމަށްވާއިރު، އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް