ދިވެހިރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅުއްވާފައިވާ ސަފީރު ފާތިމަތު ދިޔާނާ ސައީދު، ބެލްޖިއަމްގެ ރަސްގެފާނު ކިންގް ފިލިޕަށް މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ޝާހީ ގަނޑުވަރު "ޕަލޭ ރޯޔާލް"ގައެވެ.
ރަސްމިއްޔާތަށްފަހު ރަސްގެފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ދިޔާނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ރަސްގެފާނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ކިންގް ފިލިޕް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން ދެފަރާތަށް ފައިދާހުރި ގޮތެއްގައި އިތުރަށް ބަދަހިކުރުމުގައި ބެލްޖިއަމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ސަފީރު ދިޔާނާ ވަނީ މީގެކުރިން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ މިނިސްޓަރުކަމާއި، އެޓަރނީ ޖެނެރަލްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ފުރުއްވާފައެވެ.





