ރަސްމާލޭގެ މަޝްރޫޢާ ބެހޭގޮތުން ހުރި ހުރިހާ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ކަންބޮޑުވުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިންގެ ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި، އިސްލާމް ދީނާއި ހަމަތަކާ ޚިލާފުވާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ، ލޮޅުންއަރާނެ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެ ބިލުގައި ސަރުކާރުގެ ހަމަތަކާއި މިންތައް ވަރަށް ސާފުކޮށް ހިމެނިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ބިލްގައި އެ އޮތީ ރާ ވިއްކުމަށް ހުއްދައެއް ނޯންނާނެ. އޫރު މަހާއި ކެސީނޯ ހެދުމާ މިކަހަލަ އެއްވެސް ކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އިންވެސްޓްކުރަން އަންނާނީ ދިވެހިން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ގަބޫލުކުރާ އިންވެސްޓަރުންނެވެ. ރަސްމާލޭގައި އިންވެސްޓްކުރަން އުޅޭ އީގަލް ހިލްސް ކުންފުންޏާވެސް މި ވާހަކަތައް ދައްކާފައިވާނެ ކަމަށާއި، އެކަން އެ ފަރާތަށް އެނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ކުރަން އުޅޭ ކަންކަމާ މެދު ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ ޤައުމަށް އިހްލާސްތެރިވުން ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ފަރާތްތަކުގެ މާޒީއަށް ބަލާއިރު، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން މި ހުރީ ވަރަށް ސާފުކޮށް. އަޅުގަނޑުމެންގެ އަމަލުތަކުން މި ހުރީ ފެންނަން މިދިޔަ ތިން އަހަރުގެ ތެރޭގައި،" ރައީސް ވިދާޅުވިއެވެ.





