މާލޭގައި އާންމުންނަށް ތަކުރާރުކޮށް އުނދަގޫކޮށް، ބިރުދައްކައި އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ފައިރިޝް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފައިރިޝް މިއަދު ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކުރިއިރު، މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޓިން އޮފިސަރު ބުނީ، ފައިރިޝް ބޭއަދަބީ ބަސް ބޭނުންކޮށް މަގުމަތީގައި ހުރި މީހަކަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
ދިފާއުގައި ފައިރިޝް ބުނީ، އޭނާ މީހަކަށް ބިރު ނުދައްކާ ކަމަށާއި، އޭނާގެ ކަރުގައި މީހަކު ހިފި ކަމަށެވެ.
ކޯޓުން ނިންމީ، ފައިރިޝް ދޫކޮށްލައިފިނަމަ އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ.
ފައިރިޝްގެ އުނދަގޫތަކަށް ހައްލެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށް މުހައްމަދު ސައީދު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާ ގުޅިގެން، ފުލުހުން ފައިރިޝް ހައްޔަރުކުރީ މިދިޔަ މަހުއެވެ. އޭރު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖެހިއެވެ.
އެ މުއްދަތުގެ ތެރޭގައި، ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މަރުކަޒަށް ބަދަލުކޮށްފައި ހުއްޓާ ފައިރިޝް އެތަނުން ފިލި ނަމަވެސް، މާލެއިން އޭނާ އަލުން ހައްޔަރުކުރިއެވެ.





