ޤައުމަށް ފައިދާހުރި ކަމެއްނަމަ ނުރުހުން އަމާޒުވިޔަސް އެކަމެއް ކުރާނަން: ރައީސް

އާންމުންގެ މެދުގައި މަޤްބޫލު ނޫން (އަންޕޮޕިއުލަރ) ކަމެއް ކަމުގައި ވިޔަސް، ޤައުމަށް ފައިދާހުރި އަދި އިޚްލާޞްތެރި ނިންމުމެއް ނަމަ ފަސްޖެހުމެއް ނެތި އެކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަންޕޮޕިއުލަރ ވިޔަސް ޤައުމަށް ފައިދާހުރި ކަމެއް ވެއްޖެއްޔާ، އެއީ ކިތަންމެ އަންޕޮޕިއުލަރ ކަމެއް ވިޔަސް، ޤައުމަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ކަމެއް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ބައެއް ނިންމުންތަކަކީ ވަގުތީ ގޮތުން އާންމުންގެ މެދުގައި އެހާ މަޤްބޫލު ނޫން ނިންމުންތަކެއް ކަމުގައި ވިޔަސް، އެއީ އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ނިންމާ ނިންމުންތަކެއް ކަމަށެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ބޭނުން ހުއްޓުވުމަށް ގެންގުޅޭ "ޖެނެރޭޝަނަލް ބޭން" ފަދަ ސިޔާސަތުތައް އެމަނިކުފާނު މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ޚަރަދުގައި ކިޔަވަން ދާ ދަރިވަރުން އެނބުރި ޤައުމަށް ޚިދުމަތްކުރަން ޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކިޔަވައި ނިމިގެން އެކަށީގެންވާ ޢުޒުރެއް ނެތި ޤައުމަށް އެނބުރި ނާންނަ ދަރިވަރުންގެ އަތުން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދާ ގޮތަށް މިހާރު އުޞޫލު އިޞްލާޙުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ ނިންމުން ނިންމީ ޤައުމީ މަޞްލަޙަތު އިސްކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޤައުމު ހަމަމަގަށް އަޅުވައި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއެރުވުމަށް އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ ކަމަށާއި، ވަގުތީ ގޮތުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވިޔަސް، ދުރު ރާސްތާގައި މުޅި ޤައުމަށް ފައިދާކުރާނެ ކަންކަން ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް