ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ޖަލްސާގައި، ވޭތުވެދިޔަ 156 ހަފުތާގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ފޮތުގައި ވަނީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި، ސަރުކާރުގެ އެކި ދާއިރާތަކުން ހާސިލުކޮށްފައިވާ ކަންކަމުގެ ތަފްސީލު ހިމަނާފައެވެ.
ފޮތް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް ވިދާޅުވީ، ކުރީގެ ދެ އަހަރާ ތަފާތުކޮށް، މިފަހަރު ސަރުކާރުން ކުރި މަސައްކަތްތައް އާންމުންނަށް ފޯނަށް ޑައުންލޯޑުކޮށްގެން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ޑިޖިޓަލްކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.
"ތަފާތުކޮށްލާފަ މިދިޔަ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތް ތިބޭފުޅުންނަށް ފޯނުން ޑައުންލޯޑްކޮށްލެވޭ ވެބްސައިޓައް ވަދެ ބަލައިލެވޭ ގޮތަށް ޑިޖިޓަލް ޒަރީއާއިން ބަލާލެވޭ ކަހަލަ ފޮތެއްގެ ގޮތުގައި 156 ހަފްތާގެ މަސައްކަތް ފެންނަ ފޮތެއް ތިބޭފުޅުންނަށް އިފްތިތާހުކޮށްދެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ފޮތް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށާއި، ކުރިއަށް އޮތް ތާނގައި ފޮތް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ސަރުކާރަށް އަހަރު ފުރުމާއި ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް ޖަލްސާތައް ބާއްވައި، އެ އަހަރުތަކުގައި ކުރެވުނު މަސައްކަތްތަކާއި ހާސިލުކުރެވުނު ކާމިޔާބީތަކަށް ރައީސް އަލިއަޅުއްވާލައްވާފައިވެއެވެ.





