ރާއްޖޭގެ 42 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަފީފެވެ.
އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުތައް އިމާރާތްކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްވެސް ލިޓަސް ކޮންސްޓްރަކްޝަނުން ފޯރުކޮށްދޭނެއެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ ނިޒާމުތައް ހަރުދަނާކޮށް، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބެހެއްޓުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުމެވެ.





