ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ހޭދަވި ހަފުތާގައި ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރެވިފައިވާއިރު، އެ މައްސަލަތަކުގައި 630،573.34 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލުނު ފައިސާގެ ތެރެއިން 402،658.34 ރުފިޔާ ނުވަތަ 63.9 އިންސައްތަ ވަނީ އަނބުރާ ހޯދައިދެވިފައެވެ. އެގޮތުން، ގެއްލުނު ފައިސާގެ ތެރެއިން 227،915 ރުފިޔާ އަދިވެސް ނުހޯދޭ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ.
ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކެވެ. އެ ބާވަތުގެ 13 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ހުއްދަނެތި ހިންގި މުޢާމަލާތްތަކާ ގުޅޭ 9 މައްސަލައެވެ.
މީގެ އިތުރުން ބުކިން ކެންސަލްކޮށް ރީފަންޑަށް އެދޭ ސްކޭމްގެ 6 މައްސަލައާއި، ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 5 މައްސަލަ، އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ހިންގާ އިމްޕާސަނޭޝަން ސްކޭމްގެ 4 މައްސަލަ އަދި އިންވެސްޓްމަންޓް ސްކޭމްގެ 1 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން ބުނީ، ކޮޓަރި ބުކްކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިން ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް އެދޭ މައްސަލަތައް އަދިވެސް ފާހަގަކުރެވެމުންދާ ކަމަށާއި، މިފަދަ މައްސަލަތަކުގައި ސްކޭމަރުން ފޮނުވަނީ ފޭކް ޕޭމަންޓް ސްލިޕްތައް ކަމަށެވެ. ބޭންކް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްކުރުމެއް ނެތި ރީފަންޑް ދިނުމުގެ ސަބަބުން، ފައިސާ ޖަމާވެފައި ނުވާކަން އެނގެނީ މާ ފަހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށާއި، ފައިސާ ޖަމާވެފައި ނުވާނަމަ އެއްވެސް ހާލަތެއްގައި ރީފަންޑް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.





