ޖަލުތަކުގައި ތިބޭ ގައިދީންނަށް ޚާއްސަކޮށްގެން ލޮލާއި ދަތުގެ ކްލިނިކެއް މި މަހުގެ ތެރޭގައި ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައެވެ.
ޒަރީރު ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގައި ފުރަތަމަ ފަހަރަށް ހުޅުވާ މި ދެ ކްލިނިކް ގާއިމުކުރަނީ ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީ ހިންގި ތަނުގައި ހުންނަ ކަރެކްޝަންސްގެ ކޮމްޕައުންޑްގައި ކަމަށާއި، އެތަނުގައި ސްޕެޝަލިސްޓުންނަށް ދެއްކުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި ގައިދީން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ ކަމަށެވެ.
ގައިދީންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށާއި، އަންނަ އަހަރުގެ ޖޫން މަހާ ހިސާބަށް ހޮސްޕިޓަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުގައި އަންނަ އަހަރުގެ ޖޫން މަހާ ހިސާބުހައި އޭތި އެސްޓެބްލިޝް ކުރެވި އޮޕަރޭޝަނަށް ގެނެވޭވަރު ވާނެ،" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، ކ. މާފުށީ ޖަލުގައި ޖަލު ޑޮކްޓަރުންނަށް ދުވާލަކު 180 ވަރަކަށް ގައިދީން ދައްކާ ނަމަވެސް، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން އެ ރަށުގައި ނެތެވެ. ގައިދީން ގިނައިން ބޭނުންވަނީ ލޮލާއި ދަތުގެ ފަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯޓުތަކަށާއި ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަ ކޮންމެ ގައިދީއަކާއެކު އޮފިސަރަކު ފޮނުވަން ޖެހޭތީ، މި ކަމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.





