ޝާހިދުގެ އިސްތިއުނާފު މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން: ހައި ކޯޓު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދުގެ އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ޝާހިދުގެ ފަރާތުން ކުރި އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުގައި ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު، ސިއްރުކޮށްގެންނެވެ. އެ އަޑުއެހުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ.

އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭ، ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން ވަނީ ހައި ކޯޓަށް އިސްތިއުނާފުކޮށްފައެވެ.

ހައްޔަރުކުރުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވިއިރު، ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ.

ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ފުރުއްވާފައިވާ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް