ހައިކޯޓާއި މާލޭގެ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިމެނޭ ގޮތަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ 14 ބުރީގެ "މާލެ ކޯޓު ކޮމްޕްލެކްސް"ގެ ބިންގާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އަޅުއްވައިފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް، ބަންޑާރަ ނައިބު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙުސްނީ މުބާރަކް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކާ ގާތުގައި ހުރި 29،490 އަކަފޫޓުގެ ބިމެއްގައެވެ. އިމާރާތުގައި ހައިކޯޓާއި ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓާއި ޑީޖޭއޭގެ އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭނެއެވެ.
މި މަޝްރޫޢު 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ ޖުލައި މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢު ނިމުމާއެކު ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށާއި، ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ކޮމްޕްލެކްސް ތަރައްޤީކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.





