ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވައިފިއެވެ.
އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ އަންނަ މަހުން ފެށިގެންނެވެ. ހުސްވާ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ޖޭއެސްސީގެ މެންބަރަކު ކަށަވަރުކޮށްދެއްވި ގޮތުގައި، މި ދެ ބޭފުޅުންގެ ތެރެއިން ރައީސަށް ލަފާއަރުވަން ނިންމީ ސަމީރުގެ ނަމެވެ.
ޖޭއެސްސީގެ ލަފާގެ މަތިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރެވޭނީ، ރައީސުލްޖުމްހޫރިއްޔާ އެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، މަޖިލީހުން އެ ނަން ފާސްކުރުމުންނެވެ.
ސަމީރު 2011 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ކުރައްވާފައިވެއެވެ. ހައިކޯޓުން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.





