ރައްޔިތުންގެ ޝަކުވާ ހުށަހަޅަން 24 ގަޑިއިރު ހިދުމަތްދޭ "ސިޓިޒަންސް ވޮއިސް" ޕޯޓަލް ލޯންޗުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތް ދޭނެ ޕޯޓަލެއް ރައީސް އޮފީހުން މިއަދު ލޯންޗުކޮށްފިއެވެ.

"ސިޓިޒަންސް ވޮއިސް" ގެ ނަމުގައި އުފައްދާފައިވާ މި ޕޯޓަލް ހިންގާނީ، ރައީސް އޮފީހުގައި ގާއިމުކޮށްފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ، މިވަގުތު ޕޯޓަލްގެ ހިދުމަތް ލިބޭނީ ވެބް މެދުވެރިކޮށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފޯނު އެޕްލިކޭޝަނެއްވެސް ލޯންޗުކުރާނެ ކަމަށެވެ.

އޭގެ އިތުރުން، ބިއުރޯގެ ކޯލް ސެންޓަރުގެ ހޮޓްލައިން 1470 އިންވެސް ހިދުމަތް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައްޔިތުންގެ ޝަކުވާތައް ހުށަހަޅަން 24 ގަޑިއިރު ހިދުމަތްދޭނެ ވަކި އޮފީހެއް ގާއިމުކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ބިއުރޯގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ވަނީ ޑރ. މާހިދު ޝަރީފް އައްޔަންކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް