15 ބުރީގެ "ދާރުއްނޫރު" ވަޤްފު ޢިމާރާތުގެ ފަރުމާ ފުރަތަމަ ފަހަރަށް ދައްކާލައިފި

ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް ކުރިއެރުވުމަށް ބިނާކުރާ 15 ބުރީގެ ވަޤްފު ޢިމާރާތް "ދާރުއްނޫރު"ގެ ފަރުމާ ފުރަތަމަ ފަހަރަށް ދައްކާލައި، މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ރަސްމިއްޔާތު ބޭއްވީ ސަރުކާރަށް 156 ހަފްތާ ފުރުމުގެ މުނާސަބަތުގައި، މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ޢިމާރާތުގައި އޮފީސް ޖާގައާއި ވިޔަފާރިއަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ކޮންފަރެންސް ހޯލާއި، ބައްދަލުވުންތައް ބާއްވާ ކޮޓަރިތަކާއި، ލައިބްރަރީއާއި ރެސްޓޯރެންޓް ފަދަ ހިދުމަތްތައް ހިމެނޭނެއެވެ. ޢިމާރާތް ފަރުމާކޮށްފައިވަނީ އެ ޢިމާރާތުން އެންމެ ގިނަ ނަފާ ލިބޭނެ ގޮތަށެވެ.

މި ޢިމާރާތުން ލިބޭ ހުރިހާ ނަފާއެއް ހާއްސަކުރެވޭނީ ކީރިތި ޤުރުއާނުގެ ދާއިރާ ތަރައްޤީކުރުމަށެވެ. މި ޢިމާރާތް ބިނާކުރަނީ ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ. ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާއިން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި "ދާރުލްއަރްޤަމް" އާއި "ދާރުއްސަލާމް" ގެ ނަމުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫޢުތައް ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަވެ، އިސްލާމީ ދާއިރާގެ މަސައްކަތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގޭނެ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް