ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ހުޅުމާލޭގައި ބާއްވާ ހާއްސަ ޖަލްސާގައި، ވޭތުވެދިޔަ ތިން އަހަރުގެ ކާމިޔާބީތަކާއި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ރައީސް ދެއްވާނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މި ޖަލްސާ ފަށާނީ މިރޭ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
"އެ ޕްރެޒެންޓޭޝަންގެ ތެރެއިން، ކުރިއަށް ރާވާފައި ހުރި ކަންކަން ވެސް ރައީސް ވިދާޅުވެދެއްވާނެ،" ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
ޖަލްސާގައި ރައީސްގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ އިސްވެރިންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އޮފިޝަލް ވިދާޅުވީ، މިއީ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާ ހަފްލާއަކަށް ވާތީ، ސަރުކާރުގެ ވީހާވެސް ގިނަ މުވައްޒަފުން އެ ހަފްލާގައި ބައިވެރިވުމަކީ ސަރުކާރުގެ ބޮޑު އެދުމެއް ކަމަށެވެ. ވޭތުވެދިޔަ ތިން އަހަރު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސަރުކާރުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އެންމެ ބޮޑު ބާރުވެރިންނަކީ އެ މުވައްޒަފުން. ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރީ ސަރުކާރު މުވައްޒަފުން ކަމަށް ވާތީ އެ މުވައްޒަފުންގެ ބައިވެރިވުން އަޅުގަނޑުމެންނަށް މުހިންމުވަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގައެވެ. އެ ހަފްލާގައި ވެސް ރައީސް މުއިއްޒު ވަނީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައި ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.





