ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު، ޑިންގީއެއްގައި ރ. މާކުރަތަށް ފޭބުމުން ބަނދަރު ސަރަހައްދުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ތިން މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.
ހައްޔަރުކުރި މީހުންނަކީ މަލަ / ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.
އެ މީހުން ހައްޔަރުކުރީ، މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު، ރ. މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.





