ސޯޝަލް ހައުސިން ސްކީމްތަކުން ލިބޭ ފްލެޓާއި ގޯތި ދެމަފިރިންގެ ހަމަހަމަ ހައްގަކަށް ހަދަން އިސްލާހެއް ހުށަހަޅައިފި

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ލިބޭ ނުވަތަ ދެމަފިރިން ގަންނަ ފްލެޓާއި ގޯއްޗަށް ވަކި މީހަކަށް މިލްކުވެރިކަން އޮތުމުގެ ބަދަލުގައި، ވަރިވުމަށް ފަހުވެސް ދެ މީހުންގެ ހައްގު އޮންނާނެ ގޮތަށް ހެދުމަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ކުޑޫ ފާހަގަކުރައްވާފައިވަނީ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓާއި ގޯތި ދިނުމުގައި ކައިވެނިކޮށްގެން އުޅުމާއި ދަރިން ތިބި އަދަދަށް ބަލައި ޕޮއިންޓް ދޭތީ، އެ ސްކީމްތައް ފަރުމާކޮށްފައި އޮންނަނީ އާއިލާއަކަށް ދޭ ބޯހިޔާވަހިކަމެއްގެ ގޮތުގައި ކަމެވެ. ނަމަވެސް ފްލެޓް ރަޖިސްޓްރީކުރެވެނީ އެކަމަށް އެދި ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވާތީ، ދެމަފިރިން ވަކިވާ ހާލަތްތަކުގައި އަނެއް މީހާއަށާއި މުޅި އާއިލާއަށް ނިކަމެތިކަން ލިބޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހޯދި މުދާ ބެހުމުގެ އުސޫލެއް އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ސާފު ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކުޑޫ ވިދާޅުވިއެވެ.

އިސްލާހުގައިވާ ގޮތުން، ކައިވެނިކޮށްގެން ތިބި މުއްދަތުގައި ދައުލަތުގެ ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ނުވަތަ ބިމަކީ، ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް ތަނެއްގެ ގޮތުގައި ބަލަންވާނެއެވެ. އަދި ދަރިންނާއި، އެތަނެއް ރަޖިސްޓްރީ ނުކުރެވޭ ފަރާތަށް ވެސް އެތަނުގައި ދިރިއުޅުމާއި ބޭނުންކުރުމުގެ ހައްގު ލިބިގެންވާނެއެވެ.

އެތަނެއް ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރަން ނިންމާއިރު، ކައިވެނީގެ ދަރިން ބަލަހައްޓާ ފަރާތަށާއި، އަމިއްލަ ނަމުގައި ބިމެއް، ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް ފަރާތަށް އިސްކަންދޭންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުވަތަ ލޯނު ދެއްކުމުގެ ޒިންމާ، ދެފަރާތުގެ މާލީ ހާލަތަށް ބަލައި ބަހައިލުމުގެ އުސޫލު ކޯޓުން ކަނޑައަޅާނެ ގޮތް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް