ޞިއްޙީ ދާއިރާގެ ފަންނުވެރިންނަށް ކައުންސިލްތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ ގޮތުން ތައްޔާރުކުރި "ހެލްތު ޕްރޮފެޝަނަލް މެނޭޖްމަންޓް ސިސްޓަމް" ޕޯޓަލާއި، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލާއި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ރަސްމީ ވެބްސައިޓްތައް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ލޯންޗުކޮށްދެއްވައިފިއެވެ.
މި ޕޯޓަލާއި ވެބްސައިޓްތައް މިނިސްޓަރު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އަލަށް ތަޢާރަފުކުރި ޕޯޓަލް މެދުވެރިކޮށް ޞިއްޙީ ދާއިރާގެ ފަންނުވެރިން ރަޖިސްޓްރީކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކުރުމުގެ މަރުޙަލާތައް ކުރިއަށް ގެންދެވޭނެއެވެ.
މި ނިޒާމު "އީފާސް" އާ ގުޅާލެވިފައިވާއިރު، ދެ ކައުންސިލްގެ އައު ވެބްސައިޓްތަކުން ރަޖިސްޓްރޭޝަނާއި ލައިސަންސާ ގުޅޭ މައުލޫމާތާއި ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އާންމުކޮށް ލިބެން ހުންނާނެއެވެ.
މި ވަސީލަތްތައް ޤާއިމުކުރީ ފަންނުވެރިންނަށް ކައުންސިލްތަކުން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު އަދި އަވަހަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.





