ޕޮލިސް ސްޓޭޝަން ހުޅުވި ރަށްރަށުގައި ކުށްކުރުން މަދުވެއްޖެ: މިނިސްޓަރު އިޙްސާން

ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުގައި ކުށުގެ މާޙައުލު ބަދަލުވެ، ކުށްކުރުން މަދުވެފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ނ. މާފަރުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ޚާއްޞަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރެވޭލެއް ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން،" އިޙްސާން ވިދާޅުވިއެވެ.

މިއަދު ހުޅުވި ނ. މާފަރާއި ނ. ފޮއްދޫގެ ޕޮލިސް ސްޓޭޝަންތައް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރު އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މިނިސްޓަރު ވަނީ ރައްޔިތުންނާ ގުޅިގެން ވީހާވެސް ގާތުން، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މުޖުތަމަޢު ތެރޭގައި ހަމަޖެހުން ފުރިހަމައަށް ޤާއިމުވާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 21 ގައެވެ. ފޮއްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅީ އެ މަހުގެ 23 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް