ޗައިނާގެ 92 ޔުނިވަރސިޓީއެއްގައި މާސްޓާސް ކިޔަވަން 200 ދިވެހިންނަށް ފުރުޞަތު ހުޅުވާލައިފި

ޗައިނާގެ 92 ޔުނިވަރސިޓީއެއްގައި އެއް އަހަރުގެ މާސްޓާސް ޑިގްރީ ކިޔެވުމަށް، ހުރިހާ ޚަރަދެއް ޗައިނާ ސަރުކާރުން ކުރާ ގޮތަށް 200 ދިވެހިންނަށް ފުރުޞަތު ހުޅުވާލައިފި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމް ހުޅުވާލީ ޒުވާން ލީޑަރުން އުފެއްދުމުގެ މަޤްޞަދުގައި ކަމަށާއި، ސްކޮލަޝިޕްގެ ހުރިހާ ޚަރަދެއް ކުރާނީ ޗައިނީޒް ސްކޮލަޝިޕް ކައުންސިލް (ސީއެސްސީ) އިން ކަމަށެވެ.

ކުރިމަތިލާ މީހުން ފުރަތަމަ ޑިގްރީ ނިންމާފައިވާ، އަދި އުމުރުން 45 އަހަރު ނުވާ މީހުން ކަމުގައި ވާންޖެހޭނެއެވެ. ފޯމު ހުށަހަޅަންވާނީ 2027 ވަނަ އަހަރުގެ މާޗް 29 ގެ ކުރިން، އޮންލައިންކޮށެވެ.

ސްކޮލަޝިޕަށް ހޮވޭ ދަރިވަރުން ފުރުމުގެ ކުރިން، ކޯސް ހިންގާ އިންސްޓިޓިއުޓާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ތަނަކާއި ކޯހެއްކަން ބަލައި ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިރުޝާދުދީފައެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރުމަށް ލައިސަންސެއް ބޭނުންވާ ދާއިރާއެއްގެ ކޯހަކަށް ހޮވޭ ދަރިވަރުން، އެ ކޯހާއި މަރުކަޒަކީ ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ތަނެއްކަން ވެސް ފުރުމުގެ ކުރިން ކަށަވަރުކުރަން މިނިސްޓްރީން އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް