ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަންގެ އާ ބިލުގައި "ރެސިޑެންޓް ވިސާ" ގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިސާއެއް ހިމަނާފައި ނުވާ ކަމަށާއި، އެފަދަ އިސްލާހެއް ގެންނަ ކަމަށް ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކަކީ ދޮގު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިޔުމެއް ހިއްސާކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ، ޤާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި ދައުރުކުރާ އިބާރާތްތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ އިސްލާހެއް ހުށަހެޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދުވަހަކުވެސް ވިސްނާފައެއް ނުވާ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 50 ސަފުހާގެ މުޅިން އާ ޤާނޫނެއް ކަމަށާއި، އެ ޤާނޫނުގައި "ރެސިޑެންޓް ވިސާ" އެއް ނުހިމެނޭނެ ކަމަށް ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.
އިމިގްރޭޝަނަކީ ހުރިހާ ރައްޔިތުންނާ ގުޅޭ ހައްސާސް މަސައްކަތްތައް ކުރާ އިދާރާއެއް ކަމަށްވާތީ، އެ އިދާރާއާ ގުޅޭގޮތުން ދޮގު ބުހުތާނު މައުލޫމާތާއި ވާހަކަ ނުފެތުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.





