ހަކުރުބަލީގެ ފަރުވާ މިންކުރަންޖެހޭނީ ހަމައެކަނި އަދަދަކުން ނޫން: މިނިސްޓަރު ޤީލާ

ހަކުރުބަލީއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަންޖެހެނީ ހަމައެކަނި ބަލިމީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށާއި، ބަލިން ރައްކާތެރިވެ ދުޅަހެޔޮ، އުފެއްދުންތެރި ދިރިއުޅުމެއް ވޭތުކުރާ މީހުންގެ ނިސްބަތަށްވެސް ބަލަންޖެހޭ ކަމަށް ޞިއްޙަތާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުޅުލޭ އައިލެންޑް ހޮޓެލްގައި "ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބިޓީސް" ގެ ނަމުގައި ބޭއްވި ކޮންފަރެންސް އިފްތިތާޙުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސްގައި ރާއްޖޭގައި ޓައިޕް-2 ޑައިބިޓީސް މެނޭޖުކުރުމަށް އެކުލަވާލި ޚާއްޞަ ޕްރޮޓޮކޯލެއް ވަޒީރު ވަނީ ރަސްމީކޮށް ނެރެދެއްވާފައެވެ. މި ޕްރޮޓޮކޯލާއެކު ސިއްޙީ ނިޒާމުގެ ހުރިހާ އިދާރާއަކުން ދޭ ފަރުވާއާއި ކައުންސެލިންގއާއި ފޮލޯއަޕްގެ މިންގަނޑުތައް އެއްގޮތްވެގެންދާނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވައެވެ.

ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ހަމައެކަނި ސިއްޙީ ދާއިރާގެ މަސައްކަތުން ނޫން ކަމަށާއި، ސްކޫލްތަކާއި މުޅި މުޖުތަމައުގެ ދައުރު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަދި ބައްޔަށް އައު ފަރުވާތައް ހޯދުމަށްވުރެ ބޮޑަށް އިސްކަންދޭންވާނީ ބަލިން ރައްކާތެރިވުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ކެއާގެ ސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ކުރިއަށްދިޔަ ސްކްރީނިންގ ޕްރޮގްރާމްތަކުން 40،000 އަށްވުރެ ގިނަ މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 400 އެއްހާ މީހުންނަކީ ހަކުރުބަލި ހުރިކަން ކުރިން ނޭނގި ތިބި މީހުންކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށާއި، އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ސިޔާސަތު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު، ބަލިތަކުން ރައްކާތެރިވުމަށް ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ ކަމަށް އިލްތިމާސްކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް