ހަ މަސް ވަންދެން ނުނަގާ ޕާސްޕޯޓުތައް ނައްތާލާނެ: އިމިގްރޭޝަން

ޕާސްޕޯޓު ހަދައި ނިމުމަށްފަހު ހަ މަސް ދުވަހުގެ މުއްދަތުގައި ހަވާލުނުވާ ޕާސްޕޯޓުތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ބުނެ، ޕާސްޕޯޓު ނިމިފައިވާކަން އެންގުމުން ލަސްނުކޮށް އެ ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޕާސްޕޯޓު ހެއްދުމަށް އެދި، ޕްރިންޓުކޮށް ނިމުމަށްފަހު ވެސް ބައެއް ފަރާތްތަކުން ޕާސްޕޯޓާ ހަވާލުނުވެ ގިނަ ދުވަސްތަކެއް ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕްރިންޓުކޮށް ނިމިފައިވާ ޕާސްޕޯޓުތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 6 މަސް ދުވަހަށް ކަމަށާއި، އެ މުއްދަތު ހަމަވުމަށްފަހު ހަވާލުނުވެ ހުންނަ ޕާސްޕޯޓުތައް ނައްތާލެވޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

"ޕާސްޕޯޓު ނިމިފައިވާ ކަމަށް މި އިދާރާއިން އެންގުމުން ވީހާ ވެސް އަވަހަކަށް ޕާސްޕޯޓާ ހަވާލުވެލެއްވުމަށް ދަންނަވަން،" އިމިގްރޭޝަނުގެ ޕޯސްޓުގައި ވެއެވެ.

މި އިލްތިމާސް ކޮށްފައިވަނީ، ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓު ލިބުން ލަސްވެ، ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވި ދަނޑިވަޅަކަށް ފަހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް