ހުޅުމާލޭގައި މި މަހުގެ 7 ވަނަ ދުވަހު ހުޅުވި މެންހަޓަން ގްރޭންޑް ހޮޓެލާ ޖެހިގެން ހުންނަ ވެމްކޯގެ ކުނި ސެންޓަރު، ހުޅުމާލޭ ފޭސް ތިނެއްގެ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ، ކުނި ސެންޓަރު ބަދަލުކުރާނެ އެހެން ތަނެއް ކަނޑައެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ އެ ބޭފުޅުން (އެޗްޑީސީ) އިން ތަނެއް ދެއްކިހާ އަވަހަކަށް ރީލޮކޭޓުކުރުމަށް. ފޭސް ތިނެއްގެ ސަރަހައްދަކާ މަޝްވަރާ އެބަ ކުރެވޭ،" އޮފިޝަލު ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ، ވެމްކޯއިން މިހާރު ބޭނުންކުރާ ސައިޓަކީ އެ ކުންފުނީގެ މަސައްކަތަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިމެއް ކަމަށާއި، މާސްޓަރ ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސައިޓް ދާއިމީ ބިމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.
ކުނި ސެންޓަރާ ޖެހިގެން ހުރި މެންހަޓަން ގްރޭންޑް ހޮޓެލް ފަރުމާކޮށްފައިވަނީ ވިޔަފާރި ދަތުރުވެރިންނާއި، އެ ތަނުގައި މަޑުކުރާ ފަރާތްތަކާއި، އެކިއެކި ހަފުލާތައް ބާއްވާ ފަރާތްތަކުގެ ބޭނުންތައް ފުރިހަމައަށް ފެތޭ ގޮތަށެވެ.





