އީރާނުން ބަޙްރައިނަށް ދިން ހަމަލާތައް ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި ގޮތެއްގައި ކުށްވެރިކޮށްފި

އީރާނުން ބަޙްރައިނަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތައް ސަޢޫދީ ޢަރަބިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ބަޙްރައިންގެ ސަލާމަތާއި ހަމަޖެހުން ހިމާޔަތްކުރުމަށް އަޅާ ހުރިހާ ފިޔަވަޅެއްގައި ސަޢޫދީ ޢަރަބިއްޔާ އޮތީ ބަޙްރައިނާއެކު ކަމަށް ބުނެފިއެވެ.

ސަޢޫދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުން ދިން ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަވަށްޓެރިކަމުގެ އުޞޫލުތަކާ ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި ސަރަޙައްދުގެ ޤައުމުތަކަށް އީރާނުން ދޭ ހަމަލާތައް ވަގުތުން ހުއްޓުވައި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ސަޢޫދީން ބުނެފައިވެއެވެ.

ބަޙްރައިންގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވެސް މި ހަމަލާތަކަކީ އެ ޤައުމުގެ ސިޔާދަތާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ދިން ފާޅުކަން ބޮޑު ޢުދުވާނެއް ކަމަށް ބުނެ، ހަރުކަށި ގޮތެއްގައި ކުށްވެރިކޮށްފައިވެއެވެ.

ބަޙްރައިންގެ ވައިގެ ދިފާޢީ ނިޒާމުން ވަނީ އާދީއްތަ ދުވަހު ފޮނުވާލި ޑްރޯންތަކާއި ވޭތުވެދިޔަ ހުކުރު ދުވަހު ފޮނުވާލި ދެ ޑްރޯން ވައިގެ ތެރޭގައި ނައްތާލާފައެވެ. މި ހަމަލާތަކުގެ ޒިންމާ އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އުފުލާފައެވެ.

ބަޙްރައިނުން ބުނެފައިވަނީ، މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 2817 ވަނަ ގަރާރާ ސީދާ ޚިލާފު އަމަލެއް ކަމަށާއި، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިފާޢުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ޙައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ. އަދި އީރާނުގެ ހަމަލާތައް ކުށްވެރިކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަލާމަތީ މަޖިލީހަށް ބަޙްރައިނުން އިލްތިމާސްކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް