2024 ވަނަ އަހަރު ފެނަކައަށް 547 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 2024 ވަނަ އަހަރު 547 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބި، ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ 3.5 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓްކޮށް ނެރުނު ރިޕޯޓުގައިވާ ގޮތުން، ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ބޭނުންވާ ފުރިހަމަ ލިޔެކިޔުންތައް ނުލިބޭތީ، މާލީ ބަޔާންތަކުގެ ސައްހަކަމާމެދު އޮޑިޓުން ވަނީ ޝައްކު އުފައްދާފައެވެ.

ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ފެނަކައިން މުދަލާއި ޚިދުމަތް ހޯދައި ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ ވަނީ 3.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރު ނިމުނުއިރު ދައްކަން އޮތް 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 ޕަސެންޓު އިތުރު އަދަދެކެވެ.

2024 ވަނަ އަހަރު ފެނަކައަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވީނަމަވެސް، އިދާރީ ހަރަދުތަކާއި އެހެނިހެން ހަރަދުތައް ބޮޑުވުމުގެ ސަބަބުން ގެއްލުން ވަނީ މައްޗަށް ގޮސްފައެވެ. 2023 ވަނަ އަހަރުވެސް އެ ކުންފުންޏަށް 811 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ.

މީގެ އިތުރުން، ކުންފުނީގެ މުދަލާއި ސްޓޮކް އަދި އިންވެންޓަރީގެ ރިކޯޑުތައް ބެލެހެއްޓުމުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަރަނިއާއި ހަރަދު ބޮޑުވުމުން، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގިދާނެ ކަމާމެދު ކަންބޮޑުވުން އުފެދިފައިވާކަން އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ ސެޕްޓެމްބަރު 7 ވަނަ ދުވަހު ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކުރުމަށް ނިންމަވާފައެވެ. ސްޓެލްކޯއިން ވަނީ އެ މަސައްކަތް ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް