ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީއާއި އިންވެސްޓްމަންޓް ބޭނުންވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މި ގޮވާލެއްވީ ތުރުކީގައި ކުރިއަށްދާ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ މަހާސިންތާ (ކޮޕް31) ގެ ތެރެއިން، ސާފު ހަކަތައަށް ބަދަލުވުމާ ބެހޭ ގޮތުން މިއަދު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ސީދާ ރާއްޖެއަށް ކުރާ ކަމަށެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ހަކަތައިގެ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ބޮޑެތި ހަރަދުތަކެއް ހިނގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަމާޒުތަކަށް ވާސިލުވުމަށް 10 އަހަރުގެ މަގުޗާޓެއް އެކުލަވާލާފައިވާ ކަމަށެވެ.
އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމުތަކާއި ހަކަތަ ރައްކާކުރާ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.





