ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 281،474.28 ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކުރުމާ ގުޅިގެން، ހުކުމާ އެއްގޮތަށް ފައިސާ އަދާނުކޮށްފިނަމަ ޝަމްހީދުގެ މަޖިލިސް ގޮނޑި ގެއްލުމުގެ ގާނޫނީ ނުރައްކާ ކުރިމަތިވެއްޖެއެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ، އެމްއައިބީން ދޫކުރި 500،000 ޑޮލަރުގެ ފެސިލިޓީއަކަށް ފައިސާ ނުދައްކާތީ ބޭންކުން ހުށަހެޅި މައްސަލައެއްގައެވެ. މި މައްސަލާގައި ދައުވާކޮށްފައިވަނީ ކަމާ ގުޅުންހުރި ދެ ކުންފުންޏަކާއި، އެ ފެސިލިޓީއަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ.
ހުކުމުގައި ކަނޑައަޅާފައިވަނީ ފެސިލިޓީގެ ދަށުން ނުދައްކައި އޮތް 244،826.52 ޑޮލަރާއި ޗާޖަސްގެ ގޮތުގައި އަރާފައިވާ 36،647.76 ޑޮލަރާއެކު، ޖުމްލަ 281،474.28 ޑޮލަރު (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ) ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭންކަށް ދައްކައި ޚަލާސްކުރުމަށެވެ. މި ފައިސާއަކީ ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، މަޖިލީހުގެ މެންބަރެއްގެ މައްޗަށް އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެއެވެ.
ޝަމްހީދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކެމްޕެއިން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.





