ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުޢާހަދާގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސް ސެބަސްޓިއަން ޕިލޭއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރާއްޖެއާއި ސީޝެލްސްއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ތެރޭގައި ހިމެނޭ، އެ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން އިތުރުކުރުމަށް ބާރުއަޅައި ވަކާލާތުކުރާ ދެ ޤައުމެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، މި ފަހަރުގެ ސަމިޓުގެ ތެރެއިންވެސް ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ދެ ޤައުމުން ވަކާލާތުކުރާނެއެވެ.
ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ. އަދި ސަމިޓުގެ ހަވާސާގައި ބާއްވާ މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ދޭދޭ ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ފުރާވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.





