ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން ހިމެނޭ އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓާއި އެމްޓީސީސީއާ ދެމެދުގައެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ކަމަށާއި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަގު ހެދުމުގެ 8 މަޝްރޫއެއް ހިމެނެއެވެ. އދ. ހަންޏާމީދޫއާއި ބ. ކަމަދޫގައި ވެލިމަގު ހަދައި، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގެ މަގުތަކުގައި ތާރު އަޅާނެއެވެ. އެ ހުރިހާ ރަށެއްގައި ވެސް ފެންހިންދާ ނިޒާމު ގާއިމުކޮށް، މަގުބައްތި ޖަހާނެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައެވެ. ރ. ފައިނުގައި މޫދަށް އެރޭ ސަރަހައްދު ފުންކޮށް، ބޮޑުހިލައިގެ ބްރޭކްވޯޓަރެއް އަޅާނެއެވެ.
ބަނދަރު ތަރައްގީކުރުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރާނީ ކ. ތުލުސްދޫ، ނ. ހޮޅުމީދޫ، ތ. ކަނޑޫދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ އަދި ތ. ވިލުފުށީގައެވެ. މީގެ ތެރެއިން އެންމެ ދިގު މުއްދަތު ދީފައިވަނީ ގއ. ނިލަންދޫ ބަނދަރުގެ މަސައްކަތަށް ކަމަށްވާ 720 ދުވަހެވެ.
މީގެ އިތުރުން ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް 330 ދުވަހުގެ ތެރޭގައި ތަރައްގީކުރާނެއެވެ. އަދި ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސެއް ވެސް ތަރައްގީކުރާނެއެވެ. އެ އިމާރާތުގައި ކޮމާޝަލް ޔުނިޓްތަކާއި ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ހިމެނޭއިރު، އޭގެ މަސައްކަތް ނިންމަން ދީފައިވަނީ 900 ދުވަހެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.





