ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށް އާބާދީ އޮޅުވާލި ކަމަށް ބުނެ ކުރާ ދައުވާއަށް ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ އިންކާރުކުރުމުން، އޭނާއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ.
ސައުދު ވަކީލުންނާއެކު ހާޒިރުވި މިއަދުގެ އަޑުއެހުމުގައި، ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅީ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވި ބައެއް މީހުންނާއި، ރައީސް އޮފީހާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުންނާއި، މައްސަލަ ތަހުގީގުކުރި ފަރާތްތަކެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި ބައެއް ލިޔުންތައް ވެސް ހުށަހަޅާފައިވެއެވެ.
ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި، 2023 ވަނަ އަހަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލާއިރު، މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ސައުދުގެ ފަރާތުން ދިފާޢީ ހެކި ހުށަހެޅުމެވެ.
ދައުވާތައް ސާބިތުވެއްޖެނަމަ، ސައުދަށް މޭޔަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.





