ރަޝިއާއިން ފޮނުވާ ނުވަތަ އެ ޤައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ޚާއްޞަ ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ޤައުމުން ފައިސާ ބަލައިގަތުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓެޖީ މުހައްމަދު ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ޚާއްޞަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، މި ސިޔާސަތުތަކުގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ. އަދި މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.
އެފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށްވާތީ، ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ހަގީގަތާ ޚިލާފު މިފަދަ ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިޞާދަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބޭންކުން ދެކޭ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.





