ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ހުސްވެފައިވާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ 18 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި، ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.





