ތިލަފުށީ ބަނދަރު ބޭނުންކުރަން ފެށުމުން ނޯތު ހާބަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބޭނެ: އެމްޕީއެލް

ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރު ބޭނުންކުރަން ފެށުމުން، މާލޭގެ ނޯތު ހާބަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްއިން މިހެން ބުނީ، އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކަށް ނޯތު ހާބަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅުނު ސިޓީއަކާ ބެހޭގޮތުން، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް އެ ކުންފުނީގެ އިސްވެރިން މިއަދު ހާޒިރުވުމުންނެވެ. ސިޓީގައިވާ ގޮތުން، މިހާރު ބޯޓެއް ނޯތު ހާބަރާ ގާތްކުރުމަށް 10 އިން 15 ދުވަސް ހޭދަވެއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި، ތިލަފުށްޓަށް ބަދަލުކުރުމުން 2.3 ކިލޯމީޓަރުގެ ކީވޯލެއް ލިބިގެންދާނެ ކަމަށެވެ. މި ބަދަލާއެކު ނޯތު ހާބަރުން ޚިދުމަތް ހޯދާ ބޯޓުތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ޝަފީޤު ވިދާޅުވިއެވެ.

ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުޙައްމަދު އަޒަރު ވިދާޅުވީ، އެ ބަނދަރަށް ބޯޓުތައް ގާތްކުރަން ފެށިއިރު 80 ބޯޓު އެތަން ބޭނުންކުރި ނަމަވެސް، މިހާރު އެ އަދަދު 149 އަށް އަރާފައިވާ ކަމަށެވެ. ބޯޓުތަކުގެ އަދަދު އިތުރުވި ނަމަވެސް ބަނދަރުގެ ފަޅު ބޮޑުކުރެވިފައި ނުވާއިރު، ބޮޑުތަކުރުފާނު މަގު ފުޅާކުރުމާ ގުޅިގެން ފަޅުގެ ޖާގަ ހަނިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން އަށްޑިހަ ބޯޓާ އެކު އޮންނައިރު ޓާންވާނެތާ އަވަހަށް. އެހެންނަމަވެސް މިހާރު 149 ބޯޓާ އެކު ރޯލްކުރާއިރު މި އަންނަ ދަތިތަކެއް މި އަންނަނީ،" އަޒަރު ވިދާޅުވިއެވެ.

އެމްޕީއެލްއިން ބުނީ، މި ދަތިތައް ހައްލުކުރުމަށް ގަވާއިދަށް ބަދަލު ގެނެސް، 104 ބޯޓެއްގެ ވެރިންނާ ވާހަކަދައްކައި ސާވޭއެއް ހަދާފައިވާ ކަމަށެވެ. ސަލާމަތީ ގޮތުން ވެސް މިހާރު ކަނޑައަޅާފައިވާ އުސޫލަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބޯޓުތަކުގެ ވެރިން ދެކޭ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް