ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ވިޔަސް، އެއް ފެންވަރެއްގެ ޕްރޮފެޝަނަލް އަދި އޯގާތެރި ފުލުހުންގެ ޚިދުމަތެއް ލިބުމަކީ ކަށަވަރުވާންޖެހޭ އަސާސީ ހައްޤެއް ކަމަށާއި، ޤައުމުގެ ޖިއޮގްރަފީގެ ތަފާތަކީ ޚިދުމަތުގެ ފެންވަރު ކަނޑައަޅާ އަސާސަކަށް ނުވާންވާނެ ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
ލަޠީފް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން ކަނޑައެޅުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" ގެ ބައިވެރިންނާ މުޚާޠަބުކުރައްވަމުންނެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލަޠީފް ވިދާޅުވީ، ކިތަންމެ އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވިޔަސް، ފުރަމާލޭގައި ދިރިއުޅޭ މީހަކާ އެއްފަދައިން ފުރިހަމަ އިޙްތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ޚިދުމަތް ހައްޤުވާނެ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށް ވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއް ކަމަށް ވިދާޅުވެ، ލަޠީފް ވިދާޅުވީ ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު، އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ އާއިލާއަކަށް އެހީތެރިވާ ވަގުތު، އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމަޢާ ގުޅިގެން ކުރެވޭ "ޕްރޯއެކްޓިވް" މަސައްކަތުން ކަމަށް ވިދާޅުވެ، ލަޠީފް ވަނީ ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުޙަލާގެ ކޮމިއުނިޓީ މޮޑެލްގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ.
އަޚްލާޤާއި ސުލޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށް ވިދާޅުވެ، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށާއި، ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އޮފިސަރުންނަށް ލަޠީފް އިލްތިމާސްކުރެއްވިއެވެ.
2026 ނޮވެމްބަރު 8 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސް ބާއްވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގައެވެ.





