ކުޅުދުއްފުށި ޕޯޓް

ހދ. ކުޅުދުއްފުށީގެ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ކައުންސިލުގެ އިހުތިސާސުން ވަކިކޮށް، ދައުލަތަށް ނަގަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ނަގަން ނިންމި މި ސަރަހައްދުގެ ތެރޭގައި އެސްޓީއޯ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރާއި، ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޭންޑީ ހޯލްޑިންސްއަށް ކުއްޔަށް ދޫކޮށްފައިވާ ބިންވެސް ހިމެނޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތްނަމަ 14 ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތްތައް:

  • ޕޯޓު ބޮޑުކުރުން: މަލްޓިޕާޕަސް ޕޯޓުގެ ކީ ވޯލް ބޭރަށް ދިގުކޮށް ބަނދަރު ފުންކޮށް، ބޮޑެތި ބޯޓުތައް ބަލައިގަނެވޭ ފެންވަރަށް ފުޅާކުރުން.

  • ޑިސްޓްރިބިއުޝަން ސެންޓަރު: އެންކާ ސާވިސް މެދުވެރިކޮށް ގެންނަ ކޮންޓެއިނަރުތައް ސަރަހައްދަށް ބަހާލާ މައި ސެންޓަރަކަށް ހެދުން.

  • އެހެނިހެން ޚިދުމަތްތައް: ފްރީ ޒޯން ޚިދުމަތާއި، ވެއާހައުސިން އަދި ބޮންޑެޑް ވެއާހައުސިންގެ ޚިދުމަތް ގާއިމުކުރުން.

ސަރުކާރުގެ މަޝްރޫއުތަކަށް ބޭނުންވެއްޖެނަމަ ބިން ނެގޭގޮތަށް ބިމާބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު، މިއީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއްގެ އިހުތިސާސުން ދައުލަތަށް ބިން ނެގި ދެވަނަ ފަހަރެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގައި އޮތް 14 ބިމެއްވެސް ދައުލަތަށް ނަގާފައިވާއިރު، ކައުންސިލާއެކު މަޝްވަރާކުރުމެއް ނެތި ބާރުތައް ނަގަމުންދާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް